‎ކެޓެގަރީ: ޚަބަރު

ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި 3 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު!

 

“ޕްލާންޓް އަ ލެގެސީ” ގެ ނަމުގައި ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި 3 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތެއް  ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިން ފަށައިފިއެވެ. މިހަރަކާތުހައި ކޮންމެ މީހަކަށްވެސް ކިހާދޫގައި މިހާރު ހަދަމުންދާ ކުޑަކުދިންގެ ޕާކާއި ޕާކުގެ ވަށައިގެންވާ ސަރަހައްދުގައި ގަސް އިންދުމަށް ގަސް ހަދިޔާކުރުމުގެ ފުރުސަތު އޮންނާނެއެވެ. ގަސް ހަދިޔާކުރައްވަން ބޭނުންވެލައްވާ ބޭފުޅުންނަށް ކިޑްސް ގެ ވެބްސައިޓް މެދުވެރިކޮށް ގަސް ހަދިޔާކުރެވޭނެއެވެ. ގަސް ހަދިޔާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނަސީބުވެރި 2 ފަރާތެއް ހޮވޭނެއެވެ. ގުރުއަތުން ހޮވޭ ދެބޭފުޅުންކުރެ ކޮންމެ ބޭފުޅަކަށްވެސް އިތުރު 1 ބޭފުޅަކާއެކު ރިސޯޓެއްގައި 3 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިހަރަކާތުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިހާރު ކިހާދޫގައި ހަދަމުންދާ ކުޑަކުދިންގެ ޕާކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމުކުރުމަށްޓަކައެވެ.

ތިން ހައިސިއްޔަތަކުން ގަސް އިންދުމުގެ ފުރުސަތުން ވަނީ ހުޅުވާލެވިފައެވެ. އަމިއްލަ ފަރުދެއްގެ ގޮތުގައާއި، ދެމަފިރިޔަކު ހަދިޔާކުރާ ގަހެއްގެގޮތުގައާއި، އަދި ވިޔަފާރި ކުންފުންޏެއްގެ ނަމުގައިވެސް ގަސް ހަދިޔާކުރެވިދާނެއެވެ. ކޮން ގަހެއްގައިވެސް ގަސް ހަދިޔާކުރި ފަރާތްއެނގޭނެފަދަ ލޭބަލެއް ގަހުގައި ހަރުކުރެވޭނެއެވެ.

ގަސް ހަދިޔާ ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ދެގޮތަކަށް ފައިސާ ދެއްކޭނެއެވެ. އެއީ ކޭޝް ކާޑު މެދުވެރިކޮށް އަދި ބޭންކު ޓްރަންފާ މެދުދުވެރިކޮށެވެ. ބޭންކު ޓްރަންސްފާ މެދުވެރިކޮށް ގަސް ހަދިޔަކުރައްވާ ބޭފުޅުން ޓްރަންސްފާ ކުރައްވާއިރު، އީމެއިލް މެދުވެރިކޮއް ލިބިވަޑައިގަންނަވާ އޯޑާ ރިފަރެންސް ނަންބަރު ރިމާކްގައި ޖައްސަވަން ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ.

ޕާކުގައި މައިގަޑު ގޮތެއްގައި އިންދަން ހަމަޖެހިފައިވަނީ ތިންބާވަތެއްގެ ގަހެވެ. އެއީ އެކިބާވަތުގެ ރުކާއި، ހިޔާދޭ ބޮޑެތިގަހާއި، ތަފާތު އެކިވައްތަރުގެ މާގަހެވެ. ގަސް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނީ 01 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ގެ ނިޔަލަށެވެ. މިޕާކަކީ ކިހާދު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް ގުޅިގެން ހަދަމުންދާ ޕާކެކެވެ.

ކިޑްސް ޖަމްޢިއްޔާއާއި ޓޮޕްސީ ގުޅިގެން ކިހާދޫގައި ހިންގި ފަހަންދަސްކޮއްދޭ ކޯސް ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދީފި

ކިޑްސް ޖަމްޢިއްޔާއާއި ޓޮޕްސީ ޓްރެއިނިން  ސެންޓަރާއި ގުޅިގެން ކިހާދޫގައި ބޭއްވި ފަހަން ދަސްކޮއްދިނުމުގެ ކޯސް ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކިހާދު ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ހާރޫން ޔޫސުފެވެ. ސެޓްފިކެޓް ދިނުމުގެ ޖަލްސާ އޮތީ މިއަދު ހަވީރު ކިހާދޫ ސުކޫލުގައެވެ.  މިކޯހުގައި ބައިވެރިވި 36 ދަރިވަރުންވެސް ވަނީ ސެޓްފިކެޓް ހާސިލްކޮއްފައެވެ.

މިކޯސް ކުރިޔައްގެންގޮސްފައިވަނި ބޭސިކުގެ ބައިތަކާއި އެކުގައެވެ. މިގޮތުން ފޮތިފަށް، އެޅުމާއި، ގިރުވާން ލުމާއި، ޖީބުހަރުކުރުމާއި، އަތްތައްގުޅަން ދަސްކުރުމާ، ޒިބުހަރުކުރަން ދަސްކުރުމާއި، ރޫޖައްސަން ދަސްކުރުން ހިމެނެއެވެ. މިކޯހުގައި ޖުމްލަ 12ފިލާވަޅެއް ވަނީނަގާދީފައެވެ.  މީގެތެރޭގައި ގައިން މިންތައް ނަގާދޭނެގޮތާއި، ހެދުމަކުން މިންނަގައިގެން ކަނޑާ ފަހާނެގޮތްތަށް ދަސްކޮށް ދީފައިވެއެވެ. ކޯސްނިމުނުއިރު އަންހެން ހެދުންތަކާއި، ޔުނީފޯރމް، ކުޑަކުދިންގެ ހެދުމާއި، ސްކާޓް، ބަނޑުބޮޑުހެދުމާއި، އަންހެނުންގެ ބެލްސްއާއި، އަންހެންގަމީސް، ފަޓްލޫން، ފިރިހެނުންގެ ގަމީސް ފަހަން ބައިވެރިން ވަނީ ދަސްކޮއްފައެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޮޕްސީ ޓްރެއިނިން ސެންޓާގެ ކޯސް ކޯޑިނޭޓަރ އަލްފާޟިލާ ޝިޔާމާ އަޙްމަދު ފާހަގަކުރެއްވިގޮތުގައި، މިފަދަ މަސައްކަތްތެރިކަމުގެ ކޯސްތަކުގެ ސަބަބުން އަންހެނުންގެ ބާރުވެރިކަން އިތުރުވެ، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދެއެވެ. އަދިމީގެ އިތުރުން ގައުމައް ކޮއްދެވޭނެ އެންމެބޮޑު ހިދުމަތަކީ ހެޔޮގޮތުގައި ދަރިންތަރުބިއްޔަތުކޮއް ބަލާ ބޮޑުކުރުން ކަމުގައި ޝިޔާމާ ވިދާޅުވިއެވެ.

މިކޯސް ކުރިޔައްގެންދެވެނީ ކިހާދޫ ކައުންސިލްގެވެސް ވަރައްބޮޑު އެހީތެރިކަމަކާއި އެކުގައެވެ. އެގޮތުން މިކޯހުގައި ކިޔަވާދެއްވަވާ މުދައްރިސް ހުރުމުގެ އިންތިޒާމް ހިލޭ ހަމަޖައްސަވާދެއްވާފައިވާތީ ކީހާދޫ ކައުންސިލައް ކިޑްސް ގެފަރާތުން އިހުލާސްތެރި ޝުކުރު ދަންނަވަމެވެ.

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ކިހާދޫ ބޯޅަގޭގައި މުށިޖަހައިފި

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ކިހާދޫ ބޯޅަގޭގައި މުށިޖެހުމުގެ މަސައްކަތް ނިންމާ ކިހާދޫ ކައުންސިލާ ހާވާލު ކޮށްފިއެވެ. ކިޑްސްއިން މިމަސައްކަތް ކުރުމަށް ގަސްތުކުރީ ދީލަތިފަރާތަކުން ކިހާދޫ ޒުވާނުންނަށް މުށި ހަދިޔާކޮށްފައިވާތީއެވެ. އެގޮތުގެމަތިން 2017 އޯގަސްޓް 8 ވަނަ ދުވަހު ކިހާދޫ ކައުންސިލުން މުށިޖެހުމުގެ ހުއްދަ ކިޑްސްއަށް ލިބުނެވެ. ކިޑްސްއިން މިމަސައްކަތް ކޮށްފައިވަނީ ހަމްދު މޯލްޑިވްސް އަދި ނުގާ ކުންފުނިގެ ވަރައްބޮޑު އެހީތެރިކަމަކާއި އެކުގައެވެ. އެހެންކަމުން މިފުރުސަތުގައި މިދެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.

ކިޑްސް އިން މީގެކުރިން ވަނީ ބޯޅަގެއަށް ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމްވެސް ހަމަޖަށްސާފައެވެ. މި ކަންކަމަކީ ކުޅިވަރު މަގުސަދު ހާސިލްކުރުމަށް ކިޑްސްއިން ކޮށްފައިވާ މަސައްކަތްތަކެކެވެ.

ކިޑްސްގެ ޢީދު ހަދިޔާ މިފަހަރު ތަފާތު

މިއަހަރުގެ ފިތުރު ޢީދުގައިވެސް ކިޑްސް އިން ޢީދު ހަދިޔާ ބަހައިފިއެވެ.  އެހެންނަމަވެސް މިފަހަރުގެ ޢީދު ހަދިޔާ އެހެން ފަހަރުތަކާ ތަފާތެވެ. އެގޮތޮން މިފަހަރު ބާހާފައިވަނީ އައިސްކޯނެވެ. އެހެން ޢީދުތަކުގައި ހަދިޔާބަހަނީ ހަމައެކަނި ކުދަކުދިނަށް ނަމަވެސް މިފަހަރު ވަނީ   ގިނައަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އައިސްކޯން ބަހާފައެވެ.

ކިޑްސްގެ ޖެނަރަލް ސެކްރެޓަރީ ސަމްއާން ހަލީމް ވިދާޅުވީ ކޮންމެ ޢީދަކުވެސް ކިޑްސްއިން ހިންގަމުންއަންނަ މިހަރަކާތުގެ މަގުސަދަކީ ޢީދުގެ އުފަލުގައި ކުދިބޮޑުއެންމެން ބައިވެރިކޮށް އެކުވެރިކަން އާލާކުރުމެވެ. އަދި ހަމައެހެންމެ މިހަރަކާތް ﷲ އިރާދަކުރެއްވީއާ ކޮންމެ ޢީދަކުވެސް ކުރިޔައް ދާނެކަމުގައި ސަމްއާން ވިދާޅުވިއެވެ.

ކިޑްސްއަކީ 2015 ވަނައަހަރުން ފެށިގެން ކިހާދޫގައި ހިނގަމުންއަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. ކިޑްސްއިން އަންނަނީ ކިހާދޫގައި ގިނަ އިޖްތިމާއި ހަރަކާތްތަކެއް ހިންގަމުންނެވެ.

ކިޑްސް ޖަމިއްޔާއިން އާތުޑޭ ފާހަގަކުރުން

ކޮންމެއަހަރަކުވެސް ދުނިޔޭގެފެންވަރުގައި ފާހަގަކުރަމުންއަންނަ އާތުޑޭ ކިޑްސްއިން ފާހަގަކުރުމުގެ އެއްމަގުސަދަކީ ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތުގައި ބައިވެރިވުމެވެ. އަދި ބ.އަތޮޅުގެ ނާޒުކުތިމާވެށި ރައްކާތެރިކުރުމަށް މަސްއްކަތްކުރުމަކީ ކިޑްސްގެ މަގުސަދުތަކުގެތެރޭގައި ހިމެނޭކަމަކައްވުމެވެ.  އެގޮތުން މިއަދު ކުރިޔައް ގެންދެވުނު ހަރަކާތަކީ ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައިވާ ފަނާނުވާޒާތުގެ ކުނި ސާފުކުރުމެވެ.

މިއަދުގެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ރީތި ބީޗް ރިސޯޓްގެ ޖެނަރަލް މެނޭޖަރ ޕީޓާރ ގްރެމެސް ދެއްކެވިވާހަކަފުޅުގައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާއި ތަރައްޤީގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މަށްޗަށް އަލިއަޅުވާލާފައިވެއެވެ. މިއަދު އެއްކުރެވުނު ފަނާނުވާޒާތުގެ ކުނިތައްވަނީ ރީސައިކަލް ކުރުމައްޓަކައި ރީތި ބީޗް ރިސޯޓަށް ގެންގޮއްސައެވެ.

މިހަރަކާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ގިނަފަރާތްތަކެއްގެ ވަރައްބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. އެގޮތުން ރީތިބީޗް ރިސޯޓް، ޕާލޭ، ބީ.އީ.އެ.މް، ކިހާދޫ ކައުންސިލް، ކިހާދޫ ހެލްތް ސެންޓަރ، ފެނަކަ ކިހާދޫ ބުރާންޗް އަދި ކޯސްޓްލައިން ގުރޫޕުގެ އެހީތެރިކަން ލިބިފައިވެއެވެ.

ކޮންމެއަހަރަކުވެސް އާތުޑޭގެގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަނީ އެޕްރީލް މަހުގެ 22 ވަނަދުވަހެވެ. އާތުޑޭ އެންމެފުރަތަމަ ފާހަގަކޮށްފައިވަނީ 1970 ވަނައަހަރުއެވެ. މިއީ ދުނިޔޭގެ ތިމާވެއްޓައް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކޮށް ދުނިޔޭގެ ތިމާވެއްޓަކީ އުފާވެރި، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމައްޓަކައި ކުރަންޖެހިފައިވާއި ކަންކަން ފާހަގަކޮށް އެކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެކެވެ. މިއަހަރުގެ އާތުޑޭގެ ޝިއާރުގެ ގޮތުގައި ކަންޑައަޅާފައިވަނީ “މާޗް ފޯ ސައިންސް” އެވެ.

“ކުދިވެރިންގެ ފުޓްބޯޅަ އީދު 2016″އަށް އެއްބާރުލުން ދިނުމުގެގޮތުން ކިޑްސް ޖަމްޢިއްޔާއިން ފަހުމުނާމާގައި ސޮއިކޮށްފި!

“ކުދިވެރިންގެ ފުޓްބޯޅަ އީދު 2016” އިންތިޒާމް ކުރުމުގެ ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދިނުމަށް ކިޑްސް ޖަމްޢިއްޔާއިން މި މުބާރާތް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ދެ ޒުވާނުންކަމުގައިވާ މައުރޫފް އަދި އަބްދުﷲ އާއި އެކު ފަހުމުނާމާގައި ސޮއިކޮށްފި އެވެ. މިރަސްމިއްޔާތު އޮތީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ކިހާދޫ ސްކޫލްގައި ބޭއްވުނު ކުޑަ ހަފްލާއެއްގައެވެ. މި ހަފްލާގައި ވާހަކަދައްކަމުން މި މުބާތް ހިންގުމުގައި އިސްކޮށް އުޅުއްވާ  މައުރޫފް އާދަމް ވިދާޅުވީ، ކިހާދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް ކޮންމެހެންވެސް މިފަދަމުބާރާތެއް ނުވަތަ މުބާރާތްތަކެއް ބާއްވަން ޖެހޭކަމުގައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ހަފްލާގެތެރެއިން.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ، ކިހާދޫގެ ކުޑަކުދިންގެ މެދުގައި ފުޓްބޯޅައަށް ޝައުޤުވެރިކަން އިތުރުކޮށް ، ވާދަވެރި ރޫހެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދީ ، ކިހާދޫއަކީ އަތޮޅުފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ނަން މަޝްހޫރު ، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފައްދާ ރަށެއް ކަމުގައިހެދުމެވެ.

6 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ މި ހިނގާ ޑިސެމްބަރ މަހުގެ 25 އިން 29 ގެނިޔަލަށް ކިހާދޫ ފުޓްބޯޅަ ދަނޑުގައެވެ.

މިމުބާރާތް ސްޕޮންސާރ ކުރުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އެހެންކަމުން، މި މުބާރާތް ސްޕޮންސާރ ކުރަންބޭނުންވާފަރާތްތަކުން މައުރޫފް އާދަމް  އަދި އިބްރާހިމް ވަސީމާއި ގުޅުއްވައިގެން އެކަން ކުރިއަށްގެންދެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ.

މައުރޫފް އާދަމް (7426570)، އިބްރާހިމް ވަސީމާ(7927212)

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

ކީހާދޫ ޑިވެލޮޕްމަންޓް ސޮސައިޓިގެ އަހަރީ އާމު ޖަލްސާ ރޭ ކީހާދޫ ސްކޫލުގައި ބާއްވައިފިއެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވެވީ ސިވިލި ކޯޓްގެ ގާޒީ އަލްފާޟިލް އަލީ ނަސީރު އެވެ. އަލީ ނަސީރުގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރަށްރަށުގައި ހީންގޭ މަދަނީ ޖަމިއްޔާތަކަށް އެރަށެއްގެ އާމު ރައްޔިތުން އެއްބާރުލުން ދިނުމުގެ މަށްޗަށެވެ. އަދި އޭގެ އިތުރުން، ހަމައެކަނި ސަރުކާރުން ރަށްރަށް ތަރައްގީ ކޮށްދޭނެކަމަށް ތިބެގެން ރަށް ރަށް ތަރައްގީ ނުވަނާނެކަމަށާއި، ތަރައްގީ ހާސިލް ކުރެވޭނި އެރަށެއްގެ ރައްޔިތުން ކުރާ މަސައްކަތުންކަން ފަހަގަކުރިއެވެ.

މިޖަލްސާގައިވަނީ ކިޑްސް ޖަމިއްޔާގެ ވެބްސައިޓްވެސް އިފްތިތާހު ކޮށްފައެވެ. ވެބްސައިޓް އިފްތިތާހު ކޮށްދެއްވެވީ ޖަލްސާގެ ޝަރަފްވެރި މެހެމާނެވެ. އަދި ހަމައެހެންމެ ޖަމިއްޔާގެ ވޯކިންޓީޝާޓްވެސް ވަނީ ތައާރަފް ކޮށްފައެވެ.

މިޖަލްސާގައި ވަނީ ޖަމިއްޔާގެ ރައީސްވެސް ވާހަކަ ދައްކާފައެވެ. ރައީސްގެ ވަހަކައިގައި މައިގަޑުގޮތެއްގައި އަލިއަޅުވާލާފައިވަނި ވޭތުވެދިޔަ އަހަރު ޖަމިއްޔާގެ މަގުސަދުތައް ހަސިލްކުރުމުގެ ގޮތުން ކުރެވުނު ކަންކަމުގެ މައްޗަށެވެ. މިގޮތުން 7 ކަމަކަށް ވަނީ އަލިއަޅުވާލާފައެވެ.