!ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި 3 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު

“ޕްލާންޓް އަ ލެގެސީ” ގެ ނަމުގައި ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި 3 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތެއް  ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިން ފަށައިފިއެވެ. މިހަރަކާތުހައި ކޮންމެ މީހަކަށްވެސް ކިހާދޫގައި މިހާރު ހަދަމުންދާ ކުޑަކުދިންގެ ޕާކާއި ޕާކުގެ ވަށައިގެންވާ ސަރަހައްދުގައި ގަސް އިންދުމަށް ގަސް ހަދިޔާކުރުމުގެ ފުރުސަތު އޮންނާނެއެވެ. ގަސް ހަދިޔާކުރައްވަން ބޭނުންވެލައްވާ ބޭފުޅުންނަށް ކިޑްސް ގެ ވެބްސައިޓް މެދުވެރިކޮށް ގަސް ހަދިޔާކުރެވޭނެއެވެ. ގަސް ހަދިޔާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނަސީބުވެރި 2 ފަރާތެއް ހޮވޭނެއެވެ. ގުރުއަތުން ހޮވޭ ދެބޭފުޅުންކުރެ ކޮންމެ ބޭފުޅަކަށްވެސް އިތުރު 1 ބޭފުޅަކާއެކު ރިސޯޓެއްގައި 3 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިހަރަކާތުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިހާރު ކިހާދޫގައި ހަދަމުންދާ ކުޑަކުދިންގެ ޕާކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމުކުރުމަށްޓަކައެވެ.

ތިން ހައިސިއްޔަތަކުން ގަސް އިންދުމުގެ ފުރުސަތުން ވަނީ ހުޅުވާލެވިފައެވެ. އަމިއްލަ ފަރުދެއްގެ ގޮތުގައާއި، ދެމަފިރިޔަކު ހަދިޔާކުރާ ގަހެއްގެގޮތުގައާއި، އަދި ވިޔަފާރި ކުންފުންޏެއްގެ ނަމުގައިވެސް ގަސް ހަދިޔާކުރެވިދާނެއެވެ. ކޮން ގަހެއްގައިވެސް ގަސް ހަދިޔާކުރި ފަރާތްއެނގޭނެފަދަ ލޭބަލެއް ގަހުގައި ހަރުކުރެވޭނެއެވެ.

ގަސް ހަދިޔާ ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ދެގޮތަކަށް ފައިސާ ދެއްކޭނެއެވެ. އެއީ ކޭޝް ކާޑު މެދުވެރިކޮށް އަދި ބޭންކު ޓްރަންފާ މެދުދުވެރިކޮށެވެ. ބޭންކު ޓްރަންސްފާ މެދުވެރިކޮށް ގަސް ހަދިޔަކުރައްވާ ބޭފުޅުން ޓްރަންސްފާ ކުރައްވާއިރު، އީމެއިލް މެދުވެރިކޮއް ލިބިވަޑައިގަންނަވާ އޯޑާ ރިފަރެންސް ނަންބަރު ރިމާކްގައި ޖައްސަވަން ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ.

ޕާކުގައި މައިގަޑު ގޮތެއްގައި އިންދަން ހަމަޖެހިފައިވަނީ ތިންބާވަތެއްގެ ގަހެވެ. އެއީ އެކިބާވަތުގެ ރުކާއި، ހިޔާދޭ ބޮޑެތިގަހާއި، ތަފާތު އެކިވައްތަރުގެ މާގަހެވެ. ގަސް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނީ 01 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ގެ ނިޔަލަށެވެ. މިޕާކަކީ ކިހާދު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް ގުޅިގެން ހަދަމުންދާ ޕާކެކެވެ.