ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ކިޑްސް ޖަމްޢިއްޔާއާއި ކިހާދޫ ކައުންސިލާއި އެމް.އޯ.ޔޫ ގައި ސޮއިކޮށްފި

ކިޑްސް ޖަމްއިއްޔާ އާއި ކިހާދޫ ކައުންސިލާ ގުޅިގެން ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެމް.އޯ.ޔޫ ގައި ސޮއިކޮށްފި އެވެ. ކިޑްސް ޖަމްއިއްޔާގެ ރާއީސް ވިދާޅުވިގޮތުގައި ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ކުޑަކުދިންނަށް ރައްކާތެރި ކަމާއެކު ކުޅެ މަޖާކޮށްލާ އާއިލާ އާއެކު ހިތްގައިމު ވަގުތު ކޮޅެއެއް ހޯދައިދިނުމެވެ. އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކިހާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ފަޒީލް ވަނީ ކިޑްސް ޖަމްޢިއްޔާގެ ފަރާތުން ކައުންސިލައް އެބާރުލުން ދިނުމަށް އިސްނެގީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.   ކުޑަކުދިންގެ ޕާކެއް ކިހާދޫގައި އެޅުމަކީ ކިހާދޫ ކައުންސިލްގެ ކުރިއަށް އޮތް ތިން އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

މި ޕާކް އެޅުމަށް ކަންޑައެޅިފައިވަނީ ރަށުގެ ކާށި ގުދަނުގެ އިރުމަތީ ކޮޅުގައެވެ. މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޖުމްލަ 3 ފިޔަވައްސަކައް ބަހާލެވިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ޕާކްގެ ވަށާފާރު ރޭނުމާއި ވޯކްވޭތައް މިއަހަރުގެ ތެރޭގައި  ﷲގެ އިރާދަފުޅާއެކު ނިންމާލެވޭނެ އެވެ.